Wednesday, 23 October 2013

ޅެން ޝަރަހަ

އަސްލުގައިވެސް
(ޔޫސުފް ޢަލީފުޅު)
މަލެއްނެތްނަމަ ފޮޅުންފަރިވާ ގަހަށް ފިނިފެންމަލުގެ ތިރިވާ
          ވަލެއްގައިވެސް ކޮކާމާބޫރު އައިސް އުޅުމީ ނުވާނޭކަމެއް
ބަލާލާއިރު ލިލީމަލަކާއި ތަފާތުނުވާ އެހެންމާތައް
          ހަލާކެއްނެތި ފޮޅުނުނަމަވެސް ވަހެއްގާ ވޭހެ މީރުކަމެއް
ގުރުޑުފިޔަ ހޯދަނިވިއްޔާ ފެނޭ ފިނިފެންމަލުން އަދިވެސް
          ދުރުންދާއިރު ނުވިސްނޭހޭ ޢަބީރެއް އޭގެ ވާނޭކަމެއް
ގަހުންއަލަ ކެޔޮނިރެއްޖެހުމީ އެއަށްފެންދީ ހަދާއުޅުނަސް
          ފަހުންޤަރުނެއްވެ މަރުވެދިޔަސް އެއީ އަމުދުން ނުވާނޭކަމެއް
ކިތަންމެއއެލޯބިކޮށް ކަޅުއޮށުގެ ބަނޑުދޮށުގާ އެބޮޑުކުރިއަސް
          ދެތަންވެވި ހަންޖަކަށް ކޮރަކަލިވުމުން ނޭނގޭހެ ކާނޭކަމެއް


ޝަރަހަ:

ޅެންވެރިޔާ ބުނެދީފައިވަނީ  ވަރަށްބޮޑު ހަޤީގަތެކެވެ.ފިނިފެންމަލުގެ ކިތައްމެ ބޮޑު ބަގީޗާއެއް ހުރި ކަމުގައިވިޔަސް އެއްވެސް މަލެއް ނުފޮޅޭ (ނާޅައި)ކަމުގައި ވަނީނަމަ ކޮކާލާއި މާބޫރު އައިސް އުޅުމަކީ ނާދިރު ކަމެކެވެ.އެހެނީ ކޮކާލާއި މާބޫރު އަންނަނީ ވަކިމަޤްސަދެއް ހާސިލްކުރާށެވެ.އެއީ ފޮނި ބުއިމެވެ. މިސާލަކަށް ކިތަންމެ ބޮޑު ހޮސްޕިޓަލެއް ކިތައްމެ ރީއްޗަކަށް ހަދާފައި ހުއްޓަސް އެތަނުން ފަރުވާ ނުލިބެންޏާ އެތަނަށް ދާނެ މީހަކުނުވާނެއެވެ.އަދި ބަލާލާއިރު ލިލީމަލާ ތަފާތެއްނެތް އެހެން މާތައް ހަލާކެއްނެތި ފޮޅުނުނަމަވެސް އެމަލުގެ ވަހުގައިވާ މީރުކަން (މީރުވަސް) ވޭހެއްޔެވެ؟ ދެއެއްޗެއް ބަލާލަން ކިތައްމެ ވައްތަރުވީ ކަމުގައިވިޔަސް އުޅުން ނުވަތަ އެތެރެފުށް އެއްގޮތް ހެއްޔެވެ؟މިސާލަކަށް ދެމީހުންނަކީ އެއްވައްތަރު އެއްމާބަނޑު ދެމީހުން ކަމުގައި ވިޔަސް އެދެމީހުންގެ މިޒާޖާއި އުޅުން ގިނަފަހަރަށް ތަފާތެވެ. ހަމަ އެގޮތަށް ގުރުޑުފިޔަ ހޯދަންޏާމުން ފިނިފެން މަލުން ފެނުނު ކަމުގައި ވިޔަސް ދުރުންދާއިރު  އެމަލުގައި ޢަބީރެއް ވާކަމަށް ފެނޭ ހެއްޔެވެ؟ދުރުން ބަލައިލާއިރު އެއްވެސް  އައިބެއް ފިޔަތަކުގައި ނެތްކަމުގައިވިޔަސް ކައިރިން ބަލައިލުމުން  އެތައްއައިބެއް ފިނިފެންމަލުން ފެނެއެވެ.މިސާލަކަށް މީހަކު ހުންނަގޮތަކުން އޭނާއަކީ ރަނގަޅުމީހެކޭ ހީވިކަމުގައި ވިޔަސް ހަޤީޤަތް ހޯދާއިރު ގޯސްކަންތައްވެސް ފެންނާނެއެވެ. އެފަދައިން އަލަގަހަކުން ކެޔޮނިރެއް ޖެހުމަކީ (ފެޅުމަކީ) ފެންދީ ހައްދައި ޤަރުނެއްގެ ފަހުން މަރުވިޔަސް އަމުދުން ވާނޭކަމެއްނޫނެވެ.އެއްޗަކުން ނުއުފެއްދޭނެ  ނުވަތަ އެކަމުގެ ކުޅަދާނަކަން ލައްވާފައިނުވާ ކަމެއް ކުރުމަށް ކިތަންމެ މަސައްކަތެއްކުރި ކަމުގައިވިޔަސް އެކަމެއްނުވާނެއެވެ.މިސާލަކަށް ގެރިބަކަރި ފަދަ ޖަނަވާރެއްގެ ކިބައިން އިންސާނަކު އުފަންކުރުމީ ކިތައްމެ އެކްސްޕުރިމެންޓެއް ހެދިކަމުގައިވިޔަސް ނުވާނޭކަމެކެވެ. ހަމަ އެގޮތަށް ކަޅުއޮށުގެ ބަނޑުދޮށުގައި ކިތައްމެ ލޯބިކޮށް ކޮރަކަލި ބޮޑުކުރިކަމުގައި ވިޔަސް ދެތަންވެ(ވަކިވެ) ހަންޖަކަށްވުމުން ކާލައިނޭކަން ނޭނގޭ ހެއްޔެވެ؟ކިތަންމެ ލޯބިކޮށް ބޮޑުކުރިކަމުގައި ވިޔަސް އޭތި ފައްކާވެ ބޮޑުވުމުން ކާނާއަކަށް ކާލާނޭކަމެއް ނޭނގޭހެއްޔެވެ؟މިސާލަކަށް މީހަކު ލޯބިލޯބިން ބޮޑުކުރި ކުކުޅެއް އޭތީގައިމަސް ޖަހައިލުމުން ކަތިލައިގެން ކައިލާނެއެވެ.މީގެން ނެގިދާނެ މެސެޖަކީ ކިތަންމެ މޮޅު އެއްޗެއް ކަމުގައިވިޔަސް އޭގެ ބޭނުމެއް ހާސިލް ނުވަންޏާމުން ބޭނުންކުރާނެ ބަޔަކު ނޫޅޭނެއެވެ.އަދި ފެންނަފެނުމަށް ކިތަންމެ އެއްގޮތް އެއްޗެއް ކަމުގައިވިޔަސް އޭގެ އެތެރެފުށް/އަސްލު ތަފާތުވާނެކަމެވެ.އަދި ހަމަ އެއްޗެއްގެ ބޭރުފުށުން އޭގެ ހަޤީގަތް އޮޅުމެއް ނުފިލާނެއެވެ.އެފަދައިން އެއްޗަކުން ނުނެރެވޭނެ ނުވަތަ ކުޅަދާނަކަން ނެތްކަމެއް ނުކުރެވޭނެ ކަމާއި ކިތަންމެ ލޯބިކޮށް ބަލާ އެއްޗެހި ފުރާފުރިހަމަވުމުން އޭގެ ބޭނުންކޮށްލާކަމެވެ.

0 comments :

Post a Comment